'ރިވައިވިން އިކޯކްލަބްސް އިން ސްކޫލްސް' ޕްރޮޖެކްޓް އިފްތިތާޙް ކުރުން
ޕްރެސް ސްޓޭޓްމަންޓް
ޔުނިސެފް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ ގުޅިގެން އަމިއްލަ ޖަމުޢިއްޔާ އެއްކަމަށްވާ މޯލްޑިވިއަން ޔޫތް ކްލައިމެޓް ނެޓްވާރކް އިން 'ރިވައިވިން އިކޯކްލަބްސް އިން ސްކޫލްސް' ގެ ނަމުގައި ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި މިއަދުވަނީ ޕްރޮޖެކްޓެއް ފައްޓާފައެއެވެ. ތިންމަސް ދުވަހަށް ދެމިގެންދާ މިޕްރޮޖެކްޓްގެ މަޤްޞަދަކީ ދެމެހެއްޓެނިވިގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގައި ސްކޫލްތަކުގެ ތިމާވެށި ކްލަބްތައް، ރަށުގެ އެހެން ޖަމުޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ހަރުދަނާގޮތެއްގައި ހިންގާނެގޮތުގެ މޮޑެލްއެއް ޤާއިމް ކުރުމެވެ.
މިޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން މޯލްޑިވިއަން ޔޫތް ކްލައިމެޓް ނެޓްވާރކްގެ ފަރާތުންވަނީ ރަށުގެ ކައުންސިލްއާއި، ރަށުގައި ހަރަކާތްތެރިވާ ކްލަބް ޖަމުޢިއްޔާތަކާއި ބައްދަލުކޮށް އެފަރާތްތަކަށް އަދާކުރެވިދާނެ ދައުރާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. މިގޮތުން ދެކެވުނު ވާހަކައިގައި ރަށަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރަށުފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާބެހޭގޮތުން ފުޅާ ދާއިރާއެއްގައިވަނީ ވާހަކަދެކެވިފައެވެ. މިބައްދަލުވުންތަކުގައި ރަށު ކައުންސިލާއި ކްލަބް ޖަމުޢިއްޔާތަކުން އެމް.ވައި.ސީ.އެން އަށް ދެއްވާ އެއްބާރުލެއްވުން ފާހަނގަކޮށް ޝުކުރުއަދާކުރަމެވެ. ވަކިން ޚާއްޞަކޮށް ތަޢުލީމީ އަހަރު ނިމެން ކައިރިވެފައިވަނިކޮށް މިޕްރޮޖެކްޓް ޖަލާލުއްދީން ސްކޫލުގައި ހިންގުމަށް އެސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިން ދެއްވި ތަރުޙީބު ފާހަނގަކޮށް ޝުކުރުދަންނަވަމެވެ.
ރަށުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯއްދެވުމަށް ކައުންސިލާއި ކްލަބް ޖަމުޢިއްޔާތަކުން ކުރައްވާ މަސައްކަތްޕުޅުގައި އެމް.ވައި.ސީ.އެންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދޭނީ ހުރިހާފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަން މިފުރުޞަތުގައި ފާހަނގަކޮށްލަމެވެ.
މޯލްޑިވިއަން ޔޫތް ކްލައިމެޓް ނެޓްވާރކް
07 ސެޕްޓެމްބަރ 2012
"Can be a successful model"
ReplyDelete